26 ޑިސެމްބަރ 2004
އެއީ ރަށުގެ އެހެން ކުދިންހެން ކިޔެވުމުގެ މާތް މަގުޞަދު ޙާޞިލް ކުރުމަށް މާލޭގައި ހުރެފައި ޗުއްޓީއަށް ރަށަށް ގޮސް ހުރި ދުވަސްކޮޅެކެވެ. އާދައިގެ މަތިން ހެނދުނު ސައި ބޮއިގެން ގޭގައި ކަމެއްނެތި ފޫހިވެފައި މަދިރި މަރާލަ މަރާލަ އިންދައި ކޮއްކޮ އަކު ފޮތް ބޮނޑި އެއް ހިފައިގެން އައިސް މޭޒްމަތީގައި ބަހައްޓާލަމުން ބުންޏެވެ. މި އައީ މަންމަ ބުނެގެން މި ފޮތްތަކުގައި ކަރުދާސް ލާންވެގެންނެވެ. ދުވަސް ވަރަކީ ބޮޑު ޗުއްޓީގެ ދުވަސް ވަރުކަމުން އާއަހަރަށް ތައްޔާރު ވުމަށް ،ސުކޫލް ކުދިން ތިބި ކޮންމެ ގެއެއްގައިހެން އެދުވަސް ވަރު އޮންނާނީ އެމަސައްކަތެވެ. ގޭތެރޭގެ ހިމޭން މާހައުލުގައި ކޮއްކޮ އާއި ދެމީހުން ފަހަރަކު ފޮތަކަށް ގަނޑުލައްވަމުން ދިޔައީމެވެ. ކުޑަކުއްޖެއްކަމުން ކޮއްކޮ އަކަށް ފޮތައް ގަނޑުލައްވާކަށް އޭރަކު އަދި ނޭންގެ އެވެ. ނަމަވެސް ޓޭޕް ކަފައި ދިނުންފަދަ ކަންތައްތައް ކޮއްދެމުންދިޔައެވެ.
ގޭތެރެއަށް ވެރިވެފައިވާ މި ހަމަ ހިމޭން މާހައުލު ބަދަލު ކޮށްލީ މާދުރުން އިވެމުން އައި ބާރު ރުއިމުގެ އަޑުފައްގަނޑުންނެވެ. ރޮމުން ރޮމުން ގޭތެރެއަށް ވަދެގެން އައީ އަޅުގަނޑުގެ މަންމައެވެ. އޭރުވެސް އަދި ވެގެން އުޅޭގޮތެއް ނޭންގެއެވެ. ބައްޕަ ވެސް މަންމަގެ ރުއިމުގެ އަޑަށް ގިފިލިފަރާތުގައި ކޮންމެވެސް މަސައްކަތެއްކުރަން އުޅެފައި ދުވަމުން ކަހަލަ ގޮތަކަށްއައެވެ. ރޮމުން ރޮމުން މަންމަ ކިޔައިދިންގޮތުގައި ކ.ދިއްފުށި އަޑިޔަށް ހިނގައްޖެއެވެ. އެތައްބައިވަރު ރަށެއްވެސް އަޑިއަށް ދަނީއެވެ. މީހުންތައް ކަނޑުވަނީއެވެ. މީހުންތައް އެބަ އަތިރިޔަށް އެއްވެއޭވެސްބުންޏެވެ. ވެފައިހުރި ހާސްކަމެއްގެ ބޮޑުކަމުން ބައްޕަވެސް ދުއްވައިގަތީ އަތިރިޔާދިމާއަށެވެ. އޭރުވެސް އަޅުގަނޑަކަށް މަންމަ އެ ދެއްކި ވާހަކަތަކެއް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ޖީބުގައި އޮތް ފޯން ނަގައި މާލޭގައި ހުރި އަޅުގަނޑުގެ ބޭބެ އަކަށް ގުޅާލީމެވެ. އެކަހަލަ ކަމެއް ވާނަމަ މާލޭގައި ހުރިމީހަކަށް ބޮޑަށް ޚަބަރު ވާނެކަން ޔަޤީން ވާތީއެވެ. އެކޮޅުން ފޯން ނެގުމާއިއެކު ހާލު އެހުމަށް ފަހު، ނޫން ކަމަށް ހަދައިފައި އަޅުގަނޑު އެހީ ގަންނަންދިޔަ އެއްޗިހި ގަނެފިންހެއްޔެވެ. ނަމަވެސް އެކޮޅުން އައީ ޤަބޫލުނުކުރެވުނަސް ހަމަ އެއްކަލަ ޚަބަރުގެ ވަހަކައެވެ. ބޭބެ ބުނިގޮތުގައި މި އުޅެނީ މާލެ އަށް ބޮޑު ރާޅެއް އަރައިގެންނެވެ. އެތަންމިތާގައި ފެންބޮޑުވެގެންނެވެ. ފިހާރަތަކުގަޔާއި ގޭގޭގައެވެ. މުދާތަށް މަގުތަކުގައި ދުވަނީއެވެ. ގަޑީގެ ހާސް ކަމުން ބޭބެ ވެސް އެހިސާބަށް ބުނުމަށް ފަހު ފޯނު ކަނޑާލައިފިއެވެ. ދެންވެސް އިތުރަށް ޔަޤީން ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ރަހުމަތްތެރިންނަށް ގުޅާލެވޭތޯ މަސައްކަތްކޮއްލީމެވެ. ނަމަވެސް އޭގެން އެންމެ ނަމްބަރަކަށް ވެސް ގުޅޭގޮތެއްނުވިއެވެ. ކޮންމެ ނަމްބަރަކަށް ވެސް ގުޅާލުމުން ބުނަނީ އެއްވާހަކައެކެވެ. ތިޔަގުޅުއްވި ފޯން މިވަގުތުވަނީނިވާލައިފައެވެ.
ތޮއްޑޫ ބަނދަރު ސަރަޙައްދު.
ތޮއްޑޫ ބަނދަރު ސަރަޙައްދު.
މަންމަ ގެނައި ޚަބަރު ޔަޤީންވުމުން އަޅުގަނޑުވެސް ކޮއްކޮ ގެ އަށް ފޮނުވާލުމަށް ފަހު މިސްރާބު ޖެހީ އަތިރިޔާއިދިމާލަށެވެ. އަތިރިޔާއި ކައިރިޔަށް ދެވުނު ދެވުނު ހެން މީހުން ގިނަ ވާކަން ފާހަގަ ކުރެވެމުން ދިޔައެވެ. ވަކިން ޚާއްޞަކޮށް އަތިރިމަތީގައި ހަދާފައި ހުރި ހޮޅު އަށިތަކުގަޔާއި އެލުވާފައި ހުރި ޖޯލިތަކުގައެވެ. މޫދު ފެންނަ ހިސާބަށް އެންމެ ފަހުން އަޅުގަނޑަށް ވެސް ދެވިއްޖެއެވެ. ފެންނަމުން އެދަނީކީ ހަމަ ޔޤީނުންވެސް އާދައިގެ މަންޒަރެއްނޫނެވެ. މޫދުގެ ލޮނުގަނޑު ހަމަ ކެކި އަރަނީއެވެ. އާދަޔާ ހިލާފަށް ފަޅުތެރޭގައި އޮއި ވެސް ބާރުކަން އިނގެއެވެ. ލޮނުގަނޑު ކެކެމުން ބަނދަރު ފުރިގެން ދެންމެ ދެންމެ ބަންޑުން ވެދާ ހިސާބަށް އުފުލެއެވެ. ދެން އަނެއްކާވެސް ހިންދެން ފަށަނީއެވެ. ހިކެމުން ހިކެމުން ގޮސް ތޮށިމަތިން ހިކިދިޔައިގައި ދުވަހަކު ނުފެންނަ ގާތަކަށް ދަންދެން ހިއްކާލައެވެ. މިގޮތަށް އެތައް އިރެއްވަންދެން ތަކުރާރުވަމުން ދިޔައެވެ. ބައެއް އޮޑިވެރިން އެމީހުންގެ އޮޑި އަށް އަރައިވެސް ތިއްބެވެ. ދޯންޏައް ގެއްލުމެއްލިބިދާނެތީއެވެ.
ދުވަސްވަރަކީ ހުޅުމާލެ ފެހިކުރުމުގެ ގޮތުން އަޅުގަނޑުމެން ރަށުން ރުއްނަގަމުން ދިޔަ ދުވަސް ވަރެވެ. ރަށުގައި ޒުވާނަކު ހުރިއްޔާ އުޅެނީ އެމަސައްކަތުގައެވެ. ރުކެއްހުރި މީހަކުވިއްޔާ އެ ރުކެއް ވިއްކާލެވެތޯއެވެ. އެއްވެފައިވާ މީހުންތަކުގެ ތެރޭގައި އަޅުގަނޑުމެން ފުރައިގެ ކުދި ބަޔަކު ވެސް ހީ ސަމާސަ ކުރަމުން ގެންދިޔައެވެ. ވަމުން މިދަނީ ކީއްކަމާއި ކަމުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން އޭރު ނޭންގޭތީއެވެ. ސަމާސާ ކުރުމުގެ ގޮތުން އެތާގައި ހުރި ޒުވާނަކާއި ދިމާލަށް ލާނެއް އުމުރުގެ ސޮރަކު ބުނެލިއެވެ. އަދިވެސް ތަނެއްގައި ރުކެއްހުރިއްޔާ ދޭށެވެ. ރުއްނަގަން އުޅުނު ޒުވާނުންނަށް ވެސް ފަޅުތެރެއަށް ވަމުން ދިޔަގޮތް ފެނުނު ކަމަށްވެއެވެ. އެތާގައި އުޅުނު ޒުވާނަކު ކިޔައި ދިން ގޮތުގައި އެމީހުން ތެރޭގައި ހުރި ތަންކޮޅެއް ހަރު މީހަކު އަތިރިޔައް ނުކުމެލާފައި މި މަންޒަރު ފެނިގެން އައިސް ގޮވާލިއެވެ. އޭ! މީސްތަކުންނޭވެ. ﷲ ގެ މުޢްޖިޒާތް ދެކެންބޭނުން މީހަކު ހުރިއްޔާ އަވަހަށް އަތިރިޔައް ނުކުންނަންވީއެވެ. ކަނޑު އެހެރަގެން ހިކެނީއެވެ. ބައެއް ޒުވާނުން ވަރަށް ޖެހިލުންވެ ބިރުންވެސް އުޅުނުކަމަށްވެއެވެ. ކޮންމެ އަކަސް މިބާވަތުގެ ވާހަކަތައް އަޑު އަހަން އަތިރިމަތީގައި ހުރެފައި އޭރު އެވަމުންދިޔަ ގޮތްތައްވެސް މަޑުޖެހުލުމާއިއެކު ގެއަށް އަންނަން ހިނގައި ގަނެފީމެވެ.
ގެއަށް އައި އިރު ހެނދުނުގެ ޚަބަރު ފަށަނީއެވެ. މުޅި ޚަބަރުގައި ވެސް އެދުވަހުކީ މުޅިން ހެން އެއްވާހަކައެކެވެ. އާދެ ރާއްޖެ އަށް ސުނާމީ އެރި ވާހަކައެވެ. އޭރުވެސް އެއްވެސް މީހަކަށް އެއީ ކޯއްޗެއްކަމެއްނޭންގެއެވެ. އެންމެންވެސް ހީކޮއްގެންތިބީ އެއީ އަލަށް ވީ ކަމެއްކަމަށެވެ. އަދި އެ ރާޅަށް، އެވީ ކުޑަ ވަގުތުކޮޅުތެރޭގައި ސޯދުބެ ނަމެއްވެސް ދިނީކަމަށެވެ. ތެދެކެވެ. ރާއްޖޭގެ ތާރީޚުގައި ސުނާމީ އެ އެރީ ފުރަތަމަ ފަހަރައްށެވެ. ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކަށް ސުނާމީ އަކީ އާ އެއްޗަކަށް ނުވެއެވެ. އެހެންކަމުން މިބޮޑު ކާރިޘާވެގެންދިޔައީ މިފަދަ ކަންކަމަށް ރާއްޖެ ލޯހުޅުވާލަދިން ކަމަކަށެވެ. ސުނާމީގެ ބިރުވެރިކަމާއި ހިތިތަޖުރިބާ ހަމަ ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ބިންވަޅުނެގިފައިވާނެ ކަމީ ޝައްކެއްހުރިކަމެށްނޫނެވެ. ﷲގެ އިރާދަފުޅުން އެދުވަހު އަޅުގަނޑުގެ ރަށަށް އެބިރުވެރި ރާޅުގެ އަޞަރެއްނުކުރެއެވެ. އެކަހަލަ ކަމެއްމެދުވެރިވިނަމަ ވާނެގޮތް ހިތައްނުވެސް ގެނެވެއެވެ. މުޅި ރައްޔިތު ކަހަލަ ގޮތަކަށް އޮތީ އަތިރިމައްޗައް އެއްވެފައެވެ. ކުޑަކުދިންނާއި މުސްކުޅިންނާއި ގިނަ ޢަދަދަކަށް އަންހެނުންވެސް އެދުވަހު ތިބީ އަތިރިމައްޗައްނުކުމެއެވެ. ކަމުގެ ނުރައްކާތެރިކަން ނޭންގޭތީއެވެ. ރައްކާތެރިވާން ސަލާމަތް ހޯދަން ދުވަންވީ ވަގުތު އެންމެނަށް މިނުކުމެވުނީ ނުރައްކަލުގެ ކުރިމައްޗަށެވެ. ހަދާނެގޮތް ނޭންގޭތީއެވެ. ކަމުގެ މަޢުލޫމާތު ލިބިފައި ނެތީމައެވެ.
then keevetha engey meehaves athirimacha nurakkaluge thera nikume huri ...ehen meehuna advise nukuri eggama dhaashey ... engey meeha ekey neyngey meehun nekey ethaaku enu thi jehuni ... lol
ReplyDeletealhuganduge post gai dhannavaafai vaane fadhain eyru alhugandaky ves kiyavaa kuhjakymeve. alhugandakah ves adhi raahjeyge ehen evves rayyithakah ves eyraku tsunami aky koahcheh kan neyngey vaahaka ves dhannavaafai vaane eve.
ReplyDelete