Sunday, 13 November 2011

 ސުނާމީއާއި ބެހޭގޮތުން އަޅުގަނޑުމެންނަށް އިނގެނީ 
ކިހާވަރަކަށް؟؟؟؟

ސުނާމީ އެއް އުފެދެނީ ކިހިނެށް ކޮންގޮތަކަށްތޯއެވެ؟. ސުނާމީއާއި ބިންހެލުމާހުރީ ކޮންގުޅުމެއްތޯއެވެ.؟ ކޭތަހިފުމާ ސުނަމީ ނުވަތަ ބިންހެލުމާ އެއްވެސް ވަރަކަށް ގުޅުމެއްވޭތޯއެވެ؟ ސުނާމީއިން ރައްކާތެރިވުމަށް އެޅޭނީ ކޮންކޮން ފިޔަވަޅުތަކެއްތޯއެވެ؟

            .ދުނިޔޭގެ މަތީފަށަލަ ޕްލޭޓް ތަކަށް ބެހިފައިވާ ގޮތާއި ދަތުރުކުރާ މިސްރާބު  

އަހަރެމެން ދިރިއުޅެމުން މިދާބިމަކީ ތަފާތު އެތައް ފަށަލަތަކަކަށް ނުވަތަ ޕްލޭޓްތަކެއްގެ މައްޗަށް އުފެދިފައިވާއެއްޗެކެވެ. ދުނިޔޭގެ ވަށައިގެން މިފަށަލަތައް ތޮއްޓެއްހެން ލެވިފައިވާއިރު މި ޕްލެޓް ތަކަކީ އަބަދުވެސްެ ދައުރުވެ ދައުރުވެ ހުންނަފަށަލަތަކެކެވެ. ފެނުގެ މަތީގައި ބައެއްޒާތުގެ ތަކެތި އަޑިޔައްނުގޮސް ދަތުރުކުރާބީދައިންނެވެ. މިގޮތަށް ދެ ޕްލޭޓް އައިސް ޖެހޭތަނަށް ކިޔަނީ ބައުންޑަރީއެވެ. އެއްޕލޭޓް އަނެއްޕްލޭޓް އާ މިގޮތަށް ޖެހޭ ތަންތަނަށް އެ ދެޕްލޭޓް ދައުރުވާގޮތަށް ބަލައިގެން ނަންދީފައިހުރެއެވެ. މިގޮތުން ޑައިވާޖެންޓް ބައުންޑަރީ (ދެ ޕްލޭޓް ފޭއަށް ދައަރުވުމަށް)، ކޮންވާޖެންޓް ބައުންޑަރީ ( ދެ ޕްލޭޓް އެއް ޕްލޭޓް އަނެއް ޕްލޭޓް އާ ކައިރިޔަށް ދައުރުވުމަށް)، ސަބްޑަކްޝަން ޒޯން (އެއް ޕްލޭޓް މަށްޗަށް އަނެއްޕްލޭޓް އަރައި ފައްތަރުވުމަށް)، ޓްރާންސްފޯމް (ދެޕްލޭޓް ހުރަހަށް ވާގޮތަށް އެއްޕލޭޓް އަނެއްޕްލޭޓް އާ ހޮރިޒަންޓަލްކޮށް ދައުރުވުމަށް) ހިމެނެއެވެ. ސުނާމީ އެއް އުފެދޭނެކަން ދެނެގަތުމުގައި މި ދެއްނެވުނު ބައުންޑަރީތަކުގެ ހިއްސާވެސް ބޮޑެވެ.

                                          .ތަފާރުވައްތަރުގެ ބައުންޑަރީ

ސުނާމީ އަކީ ކަނޑުގެ އަޑިޔައް އަންނަ ލޮޅުމެއްގެ ސަބަބުން އުފިދިގެން އަންނަ ބައިވަރު ރާޅުތަކަކަށް ކިޔާނަމެކެވެ. މިގޮތުން ބިންހެލުމެއް، ބިންގަނޑު ކަނޑައިގެންދާ ދިއުމުން ނުވަތަ މަތިން ވެއްޓޭ ބޮޑެތިގިނި ހިލަ ކަހަލަ އެއްޗިހީގެ ސަބަބުން ވެސް މިފަދަ ރާޅުތައް އުފެދޭގޮތްވެއެވެ. އަދި މިގޮތަށް އުފެދޭ ރާޅުތަށް މާކަނޑުގައި ގާތް ގަނޑަކަށް ގަޑިއަކު 100 މޭލް ބާރުމިނުގައި ދަތުރުކުރެއެވެ. މިފަދަ ރާޅެއް ގޮނޑުދޮށްތަކާއި ހަމައަށް އަންނަ އިރު 100 ވަރަކަށް ފޫޓަށް ރާޅު އުސްވުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެހެނީ ފުން ތަންތާގަ ރާޅުގެ ދުވެލި ބާރުވެފައި ދެރާޅު ދޭތެރޭގެ ދުރުމިން ބޮޑުވަނެވެ. އަދި ތިލަ ހިސާބަށް އަންނައިރު ރާޅުގެ ދުވެލީ ވަރަށް ބޮދުތަން މަޑުވެފައި ރާޅުގެ އުސްމިން އިތުރުވާނެތީއެވެ. ކަނޑުމަތީގައި ދުއްވާ އުޅަނދުތަކަށް ސުނާމީގެ ރާޅު ދެނެ ނުގަނެވޭ ސަބަބަކީ މިއެވެ.


                               .ސުނާމީގެ ސްޕީޑް ބަދަލުވަމުންދާގޮތް

ތާރީޙު ހެކިދޭ ގޮތުގައި އާންމުގޮތެއްގައި ސުނާމީ އުފެދިފައި ހުރީ ބޮޑެތި ބިންހެލުމުގެ ސަބަބުންނެވެ. އެހެންނަމަވެސް ކޮންމެ ބިންހެލުމަކުން ސުނާމީ އެއްނޫފެދޭނެއެވެ. މިފަދަ ހެލުމެއް ދިމާވާން މެދުވެރި ވާ ސަބަބުތަކުގެ ތެރޭގައި އަލިފާން ފަރުބަދައެއްގޮވުން، ބިންގަނޑުކަނޑައިގެންދިއުން ހިމެނެއެވެ. ފާހަގަ ކުރެވޭ އަނެއްކަމަކީ އަންމުގޮތެއްގައި ގިނަ ބިންހެލުންތައް އަސްފައިވަނީ ފައުލްޓް ޒޯން ހިމެނޭ ޕްލޭޓް ބައުންޑަރީ ތަކަށް ކަމެވެ. މިގޮތުން ބިންހެލުމެއްގެ ސަބަބުން ސުނާމީ އެއް އުފެދޭނީ އެ ބިންހެލުމުގައި ވަރަށްގިނަ ޝަރުތުތަކެއް އެކުލެވިގެންނެވެ. އެންމެ ފުރަތަމަކަށް އެ ބިންހެލުމަކީ ކަނޑުގެ އަޑިޔަށް ވަކި ފުންމިނެއްގައި ވަކި ބާރުމިނެއްގައި އައި ބިންހެލުމަކަށް ވާންޖެހެއެވެ. މީގެ އިތުރުންވެސް ޕްލޭޓް ބައުންޑަރީގެ ސިފަތަކާ، ކަނޑުގެ އަޑިޔަށް ދޫކޮށްލާ ހަކަތައާއި ބިންގަނޑު ކަނޑައިގެންދާގޮތް ވެސް ސުނާމީއެއް އުފެދުމުގައި ވަރަށްބޮޑު ދައުރެށް ކުޅެއެވެ. ފާހަގަ ކޮށްލެވެ އަނެއްކަމަކީ ބާރުގަދަ ބޮޑެތި ސުނާމީތައް  އުފެދިފައި ވަނީ ސަބްޑަކްޝަން ޒޯންތަކަށް އައިސްފައިވާ ބާރުގަދަ ބިންހެލުންތަކުގެ ސަބަބުންކަމެވެ.

ސުނާމީގެ ރާޅުތަކަކީ އާންމުކޮށް މި ފެންނަ ރާޅުތަކާއި ވަރަށް ވެސް ތަފާތު އެއްޗެކެވެ. އާދައިގެ ރާޅުހެން ސުނާމީގެ ރާޅުތައް ގޮނޑުދޮށަށް ބިންދައެއްނުލާނެއެވެ. ސުނަމީގެ ރާޅު އަންނަކަން ދެނެގަނެވޭނެ އަލާމާތްތަކުގެ ތެރޭގައި ސުނާމީގެ ރާޅު އަރަން ކައިރިވުމުން ފަޅުތެރެ ވަރަށް ބޮޑަށް ހިއްކާލާނެއެވެ. އާންމުކޮށް ދިޔަވަރު ހިކޭ ވަރަށް ވުރެންވެސް ބޮޑަށް ފަޅުތެރެ ހިކިގެންދާނެއެވެ. ދުވަހަކު ނުފެންނަ ގާތަކަށް ދަންދެން ފަޅު ހިކިގެންދިއުމަކީ ސުނާމީގެ ރާޅުން ސަލާމަތް ވުމަށް ދުއްވައިގަންނަން ދެވޭ އެންމެ ފަހުގެ އިންޒާރެވެ. މިހަލަތައް ދިއުމުން އަޅައި އިތިކޮށް ދުއްވައިގަންނަންވީއެވެ. އެހެނީ މިހާރުވެސް އެއޮތީ މާލަސްވެފައެވެ. އެންމެ އާދައިގެ ކުޑަކުޑަ ސުނާމީ އެއްގައި ވެސް ނުހަނު ބާރުގަދަ އޮއި ހުންނާނެއެވެ. މިގޮތުން އެ އޮއިގައި މީހަކަށް ކޮޅަށް ނުހުރެވެ ވަރަށް ބާރުހުންނާނެއެވެ. އަދި ސުނާމީގެ ރާޅަކީ އެންމެ ރާޅެއްނޫނެވެ. ބައެއް ޙާލަތްތަކުގައި އެތައްގަޑި އިރުތަކެއްވަންދެންވެސް ސުނާމީގެ ރާޅުތަކުގެ އަޞަރު ދެމިހުރެދާނެއެވެ.

ދެން އުފެދޭ އަނެއްސުވާލަކީ އަޅުގަނޑުމެންގެ ރާއްޖެ އަށް ބިންހެލުމެއް އަތުވެދާނެހެއްޔެވެ؟ ނޫނީ ސުނާމީ އެއްގެ އަޞަރު ދެންވެސް ފޯރަފާނެ ހެއްޔެވެ؟ ގުދުރަތީގޮތުން ރާއްޖެ އުފެދިފައި ވަނީ ޕްލޭޓެއްގެ ގާތްގަނޑަކަށް މެދުގަ ކަހަލަގޮތަކަށެވެ. މާނަ އަކީ ސީދާ ރާއްޖެ އަށް ބާރުގަދަ ބިންހެލުމެއް އައުމަކީ ވަރަށް ނާދިރުކަމެކެވެ. އެހެންނަމަވެސް ނާންނާނެއެކޭ  އަޅުގަނޑު ނުދަންނަވާނަމެވެ. ދެން އޮތީ ސުނާމީ އެވެ. އަޅުގަނޑު މެންގެ ރާއްޖޭގެ އުތުރުން އިންޑޮނީޝިޔާގެ ސުމަޓްރާ ކައިރީގަވާ ކޮންވާޖަންޓް ބައުންޑަރީ އަކީ ޢަންމުކޮށް ސުނާމީ ބިންހެލުން ގިނައިން އަންނަ ސަރަޙައްދެކެވެ. އަދި މިދެންނެވި ސަރަޙައްދަށް ވަރަށް ޢަންމުކޮށް ލޯކަލް ސުނާމީގެ (މި ފަދަ ސުނާީގެ އަޞަރު ޢަންމު ކޮށް ކުރާނީ ބިންހެލުން އައި ޞަރަޙައްދުގެ 100ކމ ރޭޑިޔަސް އަކަށެވެ.) އަޞަރު ކުރެއެވެ. ނަމަވެސް އަހަރެމެންގެ ރާއްޖެ އަށް އަޞަރު ކުރާނީ އޯޝަން ވައިޑް ކޮށް އުފެދޭ ބޮޑެތި ސުނާމީންކަން ފާހަގަ ކުރަމެވެ.


    .އިންޑޮނީޝިޔާގެ ސުމަޓްރާކައިރީގައިވާ ކޮންވާޖަންޓް ބައުންޑަރީ. އާންމުކޮށް ބިންހެލުން އަންނަ ޞަރަޙްދެއް

ދެން އޮތީ ކޭތަ އާއި ސުނާމީ ގުޅުމެއްވޭތޯއޭ ކުރެވޭ ސުވާލެވެ. ކޭތަ ހިފުމަކީ ޕްލެނެޓް ތައް ދައުރުވާ ދައުރު ވުމުގައި ދިމާވާ ހާލަތަކުން އެއްޕްލެނެޓް ގެ ހިޔަނި އަނެއްޕްލެނެޓަށް އެޅުމެވެ. މިގޮތުން ހަނދުކޭތަ(ދުނިޔޭގެ ހިޔަނި ހަނދަށް އެޅުމުން) އާއި އިރުކޭތަ(ހަނދުގެ ހިޔަނި އިރަށް އެޅުމުން) ހިފައެވެ. އިރާއި ހަނދުގެ ދަމާބާރު (ގުރެވިޓޭޝަނަލް ޕުލް) ދުނިޔެއަށް ކުރާކަމީ އަހަރެމެން އެންމެން ދަންނަ ހަޤީގަތެކެވެ. އަދި މި ދަމާބާރު އެންމެ ގަދައީ އިރުކޭތަ ހިފާއިރުގައެވެ. އެހެންނަމަވެސް މިގޮތަށް އިރަށް ނުވަތަ ހަނދަށް ދަމާބާރަކީ އޭގެ ސަބަބުން ދުނިޔޭގެ ޕްލޭޓް ތަކަށް އެކަމުގެ އަޞަރު ފޯރުު ކުރެވޭވަރުގެ ބާރެއްނޫނެވެ. ސައިންސްވެރިންް ވިދާޅުވާޅުވާގޮތުގައި ބިންހެލުމާއި ސުނަމީ އަކީ އޭގެ ޒާތުގައި ކޭތަހިފުމާއި އެއެވެސް ގުޅުމުއްހުރި ދެކަމެއްނޫނެވެ. އަދި ކޭތަ ހިފާދުވަހަކު ބިންހެލުމެއް ނުވަތަ ސުނާމީ އެއް އުފެދުމާކީ އިއްތިފާގަކަށްނޫނީ ނުވާނެއެވެ. ތާރީޚަށް ބަލާއިރު ކޭތަހިފާދުވަސްދުވަހު ބިންހެލުމެއްގެ އަސަރު ފާހަގަ ކުރެވިފައި ވަނީ ވަރަށް މަދު ފަހަރަކުއެވެ. އަދި އެ ފަހަރު ތަކުގަވެސް އެ ބިން ހެލުން އައިސްފައި ވަނީ ކޭތަ ނުވެސް ފެންނަ ސަރަހައްދަކަށްކަން ފާހަގަ ކުރެވިފައިވެއެވެ.

ބިންހެލުން ޕްރިޑިކްޓް (ބިންހެލުން އަންނާނެކަން ދެނެގަތުން) ކުރުމުގައި އަދި ސައިންސްވެރިންނަށް މާކަބޮޑު ކަމިޔާބެއް ނުހޯދުނުކަމުގައި ވިޔަސް ސުނާމީ ޕްރިޑިކްޓް ކުރުމުގައި ސައިންސްވެރިން ވަނީ ކާމިޔަބު ތަކެއް ހޯދާފައެވެ. މިގޮތުން އެ ބިންހެލުމުގެ ޕެރަމީޓާސް (މިސާލަކަށް ބިންހެލުމުގެ ފުންމިން، މެގްނިޓިއުޑް) ގެ އެހީގައި ސުނާމީ ޕްރިޑިކްޓް ކުރެވެއެވެ. އެންމެ ފަހުގެ ކޮމްޕިއުޓަރ ޓެކްނޮލޮޖީ (ސިސްމޯމީޓާސް)، ޓައިޑް ގޭޖް، ޕްރެޝަރ ސެންސާސް އަދި ސެޓްލައިޓް މުޢާމަލާތުގެ އެހީގައި ސުނާމީ އެއް އުފެދިއްޖެ ކަމާއި އެ ސުނަމީ އެއް އެކި ހިސާބުތަކަށް ފޯރާނެ ގަޑި ދެނެގަތުމަކީ މިހާރު ސައިންސްވެރިން ހޯދާފައިވަ ކާމިޔަބީތަކެވެ. ފުންހިސާބުތަކަށް އަންނަ ކުދި ކުދި ބިންހެލުންތަކުގެ ސަބަބުން ސުނާމީއެއް އުފެދުމަކީ ވަރަށްވެސް ނާދިރުކަމެކެވެ. ނަމަވެސް ބޮޑު (ރިކްޓަރ މިންގަނޑުން 7 އިނަ މަތި)  ބިންހެލުމަކަށް ފަހު ސުނާމީގެ އިންޒާރު ކަމާބެހޭފަރާތްތަކުން ދޭތޯ އެކަމަށް ތައްޔާރުވެ ތިބުމަކީ ބުއްދިވެރިގޮތެކެވެ. 26 ޑިސެމްބަރު 2004 ވަނައަހަރު ކުރިމަތިވި ސުނާމީ އުފެދުނު ބިންހެލުމުގެ ބާރުމިނަކީ ރިކްޓަރ މިންގަނޑުން 9.0 އަދި ބިން ހެލުން އައިސްފައި ވަނީ ކަނޑުގެ އަޑިން ގައިގަނޑަކަށް 30ކމ އަޑިޔަށްކަން ފާހަގަކުރެވެއެވެ.

އަހަރެމެންގެ ރާއްޖެ އުފެދިފައިވާގޮތުން ސުނާމީގެ ރާޅުތަކުން ރައްކާތެރިވުމަށް މާގިނަ ފިޔަވަޅުތަކެއް އެޅޭކަށް ނޯވެއެވެ. އުސް ސަރަހައްދު ތަކެއް ނެތަސް ގަސް ނުވަތަ ރުއްފަދަ ތަކެތިން ރައްކާތެރިކަން ހޯދިދާނެއެވެ. ހަމަ އެހެންމެ އުސް އިމާރާތްތަކުން ވެސް ރައްކާތެރިކަން ހޯދިދާނެއެވެ. ހަމަ މިޔާއިއެކު މޫދާ ވީހާވެސް ދުރު ހިސާބުތަކަށް ގޮސް ރައްކާތެރިކަން ހޯދިދާނެއެވެ. ސުނާމީގެ އިންޒާރު މުޅިން ކެންސަލް ކުރަންދެން ރައްކާތެރި ހިސާބުތަކުގައި ތިބުމަކީ ވަރަށް މިހިންމު ކަމެކެވެ. އެހެނީ ސުނާމީ ގެ ރާޅަކީ އެންމެ ރާޅެއްކަމުގައި ނުވެދާނެއެވެ. އަދި ދެރާޅު ދޭތެރޭގައި އެތައްވަގުތެއްވެސް ވެދާނެެއެވެ. ހަމަ އެހެންމެ ސުނާމީގެ ޙާލަތުގައި މާކަނޑުގައި ތިބި ފަރާތްތަކަށް އެންމެ ރައްކާތެރިގޮތަކީ ރަށަށް ނައިސް ކަނޑުގައި މަޑުކުރުމެވެ.


ނޯޓް: މިފަދަ މަޢުލޫމާތަކީ ވަކި އުމުރުފުރައެއްނެތި ކޮންމެ މީހަކަށް ވެސް އިނގެންޖެހޭ މަޢުލޫމާތެވެ. ކިތަންމެ ކުޑަކުއްޖަކަށް ވެސް އޭނަ އަށް ލިބި ހުރި މަޢުލޫމާތެއްގެ އެހީގައި ފުރާނައެއް ސަލާމަތް ކުރެވިދާނެއެވެ.

2 comments:

  1. ވަރަށް ސަޅި ލިޔުމެއް. ވަރަށް ޢިލްމީ އަދި ދިވެހި ބަހުން އާއްމުކޮށް ނުފެންނަޒާތުގެ ލިޔުމެއްވީމަ ވަރަށް ޝައުޤުވެރި. ފުރިހަމަޔަށް އަޕްޑޭޓް ކުރާތި
    އަހުމަދު މައުސޫމް.

    ReplyDelete
  2. ސާބަހޭ އަބުޅޯ... ތީ ދިވެހި ދަރިންނަކީ... މަ ބުނީ ތަންކޮޅެއް އެޑްވާންސް އިނފޯ ކޮޅެއް ގެނެސްދީބަލަ! މެޓް ކުދިންނަށްވެސް ފައިދާއެއް ކުރާނެކަހަލަ... ވަރަށް ވެދުން.

    ReplyDelete

feel free to leave a comment