Wednesday, 16 November 2011

26 ޑިސެމްބަރ 2004

                                  އއ.ތޮއްޑޫ ބަނދަރު.
އެއީ ރަށުގެ އެހެން ކުދިންހެން ކިޔެވުމުގެ މާތް މަގުޞަދު ޙާޞިލް ކުރުމަށް މާލޭގައި ހުރެފައި ޗުއްޓީއަށް ރަށަށް ގޮސް ހުރި ދުވަސްކޮޅެކެވެ. އާދައިގެ މަތިން ހެނދުނު ސައި ބޮއިގެން ގޭގައި ކަމެއްނެތި ފޫހިވެފައި މަދިރި މަރާލަ މަރާލަ އިންދައި ކޮއްކޮ އަކު ފޮތް ބޮނޑި އެއް ހިފައިގެން އައިސް މޭޒްމަތީގައި ބަހައްޓާލަމުން ބުންޏެވެ. މި އައީ މަންމަ ބުނެގެން މި ފޮތްތަކުގައި ކަރުދާސް ލާންވެގެންނެވެ. ދުވަސް ވަރަކީ ބޮޑު ޗުއްޓީގެ ދުވަސް ވަރުކަމުން އާއަހަރަށް ތައްޔާރު ވުމަށް ،ސުކޫލް ކުދިން ތިބި ކޮންމެ ގެއެއްގައިހެން އެދުވަސް ވަރު އޮންނާނީ އެމަސައްކަތެވެ. ގޭތެރޭގެ ހިމޭން މާހައުލުގައި ކޮއްކޮ އާއި ދެމީހުން ފަހަރަކު ފޮތަކަށް ގަނޑުލައްވަމުން ދިޔައީމެވެ. ކުޑަކުއްޖެއްކަމުން ކޮއްކޮ އަކަށް ފޮތައް ގަނޑުލައްވާކަށް އޭރަކު އަދި ނޭންގެ އެވެ. ނަމަވެސް ޓޭޕް ކަފައި ދިނުންފަދަ ކަންތައްތައް ކޮއްދެމުންދިޔައެވެ.

ގޭތެރެއަށް ވެރިވެފައިވާ މި ހަމަ ހިމޭން މާހައުލު ބަދަލު ކޮށްލީ މާދުރުން އިވެމުން އައި ބާރު ރުއިމުގެ އަޑުފައްގަނޑުންނެވެ. ރޮމުން ރޮމުން ގޭތެރެއަށް ވަދެގެން އައީ އަޅުގަނޑުގެ މަންމައެވެ. އޭރުވެސް އަދި ވެގެން އުޅޭގޮތެއް ނޭންގެއެވެ. ބައްޕަ ވެސް މަންމަގެ ރުއިމުގެ އަޑަށް ގިފިލިފަރާތުގައި ކޮންމެވެސް މަސައްކަތެއްކުރަން އުޅެފައި ދުވަމުން ކަހަލަ ގޮތަކަށްއައެވެ. ރޮމުން ރޮމުން މަންމަ ކިޔައިދިންގޮތުގައި ކ.ދިއްފުށި އަޑިޔަށް ހިނގައްޖެއެވެ. އެތައްބައިވަރު ރަށެއްވެސް އަޑިއަށް ދަނީއެވެ. މީހުންތައް ކަނޑުވަނީއެވެ. މީހުންތައް އެބަ އަތިރިޔަށް އެއްވެއޭވެސްބުންޏެވެ. ވެފައިހުރި ހާސްކަމެއްގެ ބޮޑުކަމުން ބައްޕަވެސް ދުއްވައިގަތީ އަތިރިޔާދިމާއަށެވެ. އޭރުވެސް އަޅުގަނޑަކަށް މަންމަ އެ ދެއްކި ވާހަކަތަކެއް ޤަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ޖީބުގައި އޮތް ފޯން ނަގައި މާލޭގައި ހުރި އަޅުގަނޑުގެ ބޭބެ އަކަށް ގުޅާލީމެވެ. އެކަހަލަ ކަމެއް ވާނަމަ މާލޭގައި ހުރިމީހަކަށް ބޮޑަށް ޚަބަރު ވާނެކަން ޔަޤީން ވާތީއެވެ. އެކޮޅުން ފޯން ނެގުމާއިއެކު ހާލު އެހުމަށް ފަހު، ނޫން ކަމަށް ހަދައިފައި އަޅުގަނޑު އެހީ ގަންނަންދިޔަ އެއްޗިހި ގަނެފިންހެއްޔެވެ. ނަމަވެސް އެކޮޅުން އައީ ޤަބޫލުނުކުރެވުނަސް ހަމަ އެއްކަލަ ޚަބަރުގެ ވަހަކައެވެ. ބޭބެ ބުނިގޮތުގައި މި އުޅެނީ މާލެ އަށް ބޮޑު ރާޅެއް އަރައިގެންނެވެ. އެތަންމިތާގައި ފެންބޮޑުވެގެންނެވެ. ފިހާރަތަކުގަޔާއި ގޭގޭގައެވެ. މުދާތަށް މަގުތަކުގައި ދުވަނީއެވެ. ގަޑީގެ ހާސް ކަމުން ބޭބެ ވެސް އެހިސާބަށް ބުނުމަށް ފަހު ފޯނު ކަނޑާލައިފިއެވެ. ދެންވެސް އިތުރަށް ޔަޤީން ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ރަހުމަތްތެރިންނަށް ގުޅާލެވޭތޯ މަސައްކަތްކޮއްލީމެވެ. ނަމަވެސް އޭގެން އެންމެ ނަމްބަރަކަށް ވެސް ގުޅޭގޮތެއްނުވިއެވެ. ކޮންމެ ނަމްބަރަކަށް ވެސް ގުޅާލުމުން ބުނަނީ އެއްވާހަކައެކެވެ. ތިޔަގުޅުއްވި ފޯން މިވަގުތުވަނީނިވާލައިފައެވެ.
                  ތޮއްޑޫ ބަނދަރު ސަރަޙައްދު.

މަންމަ ގެނައި ޚަބަރު ޔަޤީންވުމުން އަޅުގަނޑުވެސް ކޮއްކޮ ގެ އަށް ފޮނުވާލުމަށް ފަހު މިސްރާބު ޖެހީ އަތިރިޔާއިދިމާލަށެވެ. އަތިރިޔާއި ކައިރިޔަށް ދެވުނު ދެވުނު ހެން މީހުން ގިނަ ވާކަން ފާހަގަ ކުރެވެމުން ދިޔައެވެ. ވަކިން ޚާއްޞަކޮށް އަތިރިމަތީގައި ހަދާފައި ހުރި ހޮޅު އަށިތަކުގަޔާއި އެލުވާފައި ހުރި ޖޯލިތަކުގައެވެ. މޫދު ފެންނަ ހިސާބަށް އެންމެ ފަހުން އަޅުގަނޑަށް ވެސް ދެވިއްޖެއެވެ. ފެންނަމުން އެދަނީކީ ހަމަ ޔޤީނުންވެސް އާދައިގެ މަންޒަރެއްނޫނެވެ. މޫދުގެ ލޮނުގަނޑު ހަމަ ކެކި އަރަނީއެވެ. އާދަޔާ ހިލާފަށް ފަޅުތެރޭގައި އޮއި ވެސް ބާރުކަން އިނގެއެވެ. ލޮނުގަނޑު ކެކެމުން ބަނދަރު ފުރިގެން ދެންމެ ދެންމެ ބަންޑުން ވެދާ ހިސާބަށް އުފުލެއެވެ. ދެން އަނެއްކާވެސް ހިންދެން ފަށަނީއެވެ. ހިކެމުން ހިކެމުން ގޮސް ތޮށިމަތިން ހިކިދިޔައިގައި  ދުވަހަކު ނުފެންނަ ގާތަކަށް ދަންދެން ހިއްކާލައެވެ. މިގޮތަށް އެތައް އިރެއްވަންދެން ތަކުރާރުވަމުން ދިޔައެވެ. ބައެއް އޮޑިވެރިން އެމީހުންގެ އޮޑި އަށް އަރައިވެސް ތިއްބެވެ. ދޯންޏައް ގެއްލުމެއްލިބިދާނެތީއެވެ.

ދުވަސްވަރަކީ ހުޅުމާލެ ފެހިކުރުމުގެ ގޮތުން އަޅުގަނޑުމެން ރަށުން ރުއްނަގަމުން ދިޔަ ދުވަސް ވަރެވެ. ރަށުގައި ޒުވާނަކު ހުރިއްޔާ އުޅެނީ އެމަސައްކަތުގައެވެ. ރުކެއްހުރި މީހަކުވިއްޔާ އެ ރުކެއް ވިއްކާލެވެތޯއެވެ. އެއްވެފައިވާ މީހުންތަކުގެ ތެރޭގައި އަޅުގަނޑުމެން ފުރައިގެ ކުދި ބަޔަކު ވެސް ހީ ސަމާސަ ކުރަމުން ގެންދިޔައެވެ. ވަމުން މިދަނީ ކީއްކަމާއި ކަމުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން އޭރު ނޭންގޭތީއެވެ. ސަމާސާ ކުރުމުގެ ގޮތުން އެތާގައި ހުރި ޒުވާނަކާއި ދިމާލަށް ލާނެއް އުމުރުގެ ސޮރަކު ބުނެލިއެވެ. އަދިވެސް ތަނެއްގައި ރުކެއްހުރިއްޔާ ދޭށެވެ. ރުއްނަގަން އުޅުނު ޒުވާނުންނަށް ވެސް ފަޅުތެރެއަށް ވަމުން ދިޔަގޮތް ފެނުނު ކަމަށްވެއެވެ. އެތާގައި އުޅުނު ޒުވާނަކު ކިޔައި ދިން ގޮތުގައި އެމީހުން ތެރޭގައި ހުރި ތަންކޮޅެއް ހަރު މީހަކު އަތިރިޔައް ނުކުމެލާފައި މި މަންޒަރު ފެނިގެން އައިސް ގޮވާލިއެވެ. އޭ! މީސްތަކުންނޭވެ. ﷲ ގެ މުޢްޖިޒާތް ދެކެންބޭނުން މީހަކު ހުރިއްޔާ އަވަހަށް އަތިރިޔައް ނުކުންނަންވީއެވެ. ކަނޑު އެހެރަގެން ހިކެނީއެވެ. ބައެއް ޒުވާނުން ވަރަށް ޖެހިލުންވެ ބިރުންވެސް އުޅުނުކަމަށްވެއެވެ. ކޮންމެ އަކަސް މިބާވަތުގެ ވާހަކަތައް އަޑު އަހަން އަތިރިމަތީގައި ހުރެފައި އޭރު އެވަމުންދިޔަ ގޮތްތައްވެސް މަޑުޖެހުލުމާއިއެކު ގެއަށް އަންނަން ހިނގައި ގަނެފީމެވެ.

ގެއަށް އައި އިރު ހެނދުނުގެ ޚަބަރު ފަށަނީއެވެ. މުޅި ޚަބަރުގައި ވެސް އެދުވަހުކީ މުޅިން ހެން އެއްވާހަކައެކެވެ. އާދެ ރާއްޖެ އަށް ސުނާމީ އެރި ވާހަކައެވެ. އޭރުވެސް އެއްވެސް މީހަކަށް އެއީ ކޯއްޗެއްކަމެއްނޭންގެއެވެ. އެންމެންވެސް ހީކޮއްގެންތިބީ އެއީ އަލަށް ވީ ކަމެއްކަމަށެވެ. އަދި އެ ރާޅަށް، އެވީ ކުޑަ ވަގުތުކޮޅުތެރޭގައި ސޯދުބެ ނަމެއްވެސް ދިނީކަމަށެވެ. ތެދެކެވެ. ރާއްޖޭގެ ތާރީޚުގައި ސުނާމީ އެ އެރީ ފުރަތަމަ ފަހަރައްށެވެ. ނަމަވެސް ދުނިޔޭގެ  ކަންކޮޅުތަކަށް ސުނާމީ އަކީ އާ އެއްޗަކަށް ނުވެއެވެ. އެހެންކަމުން މިބޮޑު ކާރިޘާވެގެންދިޔައީ މިފަދަ ކަންކަމަށް ރާއްޖެ ލޯހުޅުވާލަދިން ކަމަކަށެވެ. ސުނާމީގެ ބިރުވެރިކަމާއި ހިތިތަޖުރިބާ ހަމަ ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ބިންވަޅުނެގިފައިވާނެ ކަމީ ޝައްކެއްހުރިކަމެށްނޫނެވެ. ﷲގެ އިރާދަފުޅުން އެދުވަހު އަޅުގަނޑުގެ ރަށަށް އެބިރުވެރި ރާޅުގެ އަޞަރެއްނުކުރެއެވެ. އެކަހަލަ ކަމެއްމެދުވެރިވިނަމަ ވާނެގޮތް ހިތައްނުވެސް ގެނެވެއެވެ. މުޅި ރައްޔިތު ކަހަލަ ގޮތަކަށް އޮތީ އަތިރިމައްޗައް އެއްވެފައެވެ. ކުޑަކުދިންނާއި މުސްކުޅިންނާއި ގިނަ ޢަދަދަކަށް އަންހެނުންވެސް އެދުވަހު ތިބީ އަތިރިމައްޗައްނުކުމެއެވެ. ކަމުގެ ނުރައްކާތެރިކަން ނޭންގޭތީއެވެ. ރައްކާތެރިވާން ސަލާމަތް ހޯދަން ދުވަންވީ ވަގުތު އެންމެނަށް މިނުކުމެވުނީ ނުރައްކަލުގެ ކުރިމައްޗަށެވެ. ހަދާނެގޮތް ނޭންގޭތީއެވެ. ކަމުގެ މަޢުލޫމާތު ލިބިފައި ނެތީމައެވެ.

Sunday, 13 November 2011

 ސުނާމީއާއި ބެހޭގޮތުން އަޅުގަނޑުމެންނަށް އިނގެނީ 
ކިހާވަރަކަށް؟؟؟؟

ސުނާމީ އެއް އުފެދެނީ ކިހިނެށް ކޮންގޮތަކަށްތޯއެވެ؟. ސުނާމީއާއި ބިންހެލުމާހުރީ ކޮންގުޅުމެއްތޯއެވެ.؟ ކޭތަހިފުމާ ސުނަމީ ނުވަތަ ބިންހެލުމާ އެއްވެސް ވަރަކަށް ގުޅުމެއްވޭތޯއެވެ؟ ސުނާމީއިން ރައްކާތެރިވުމަށް އެޅޭނީ ކޮންކޮން ފިޔަވަޅުތަކެއްތޯއެވެ؟

            .ދުނިޔޭގެ މަތީފަށަލަ ޕްލޭޓް ތަކަށް ބެހިފައިވާ ގޮތާއި ދަތުރުކުރާ މިސްރާބު  

އަހަރެމެން ދިރިއުޅެމުން މިދާބިމަކީ ތަފާތު އެތައް ފަށަލަތަކަކަށް ނުވަތަ ޕްލޭޓްތަކެއްގެ މައްޗަށް އުފެދިފައިވާއެއްޗެކެވެ. ދުނިޔޭގެ ވަށައިގެން މިފަށަލަތައް ތޮއްޓެއްހެން ލެވިފައިވާއިރު މި ޕްލެޓް ތަކަކީ އަބަދުވެސްެ ދައުރުވެ ދައުރުވެ ހުންނަފަށަލަތަކެކެވެ. ފެނުގެ މަތީގައި ބައެއްޒާތުގެ ތަކެތި އަޑިޔައްނުގޮސް ދަތުރުކުރާބީދައިންނެވެ. މިގޮތަށް ދެ ޕްލޭޓް އައިސް ޖެހޭތަނަށް ކިޔަނީ ބައުންޑަރީއެވެ. އެއްޕލޭޓް އަނެއްޕްލޭޓް އާ މިގޮތަށް ޖެހޭ ތަންތަނަށް އެ ދެޕްލޭޓް ދައުރުވާގޮތަށް ބަލައިގެން ނަންދީފައިހުރެއެވެ. މިގޮތުން ޑައިވާޖެންޓް ބައުންޑަރީ (ދެ ޕްލޭޓް ފޭއަށް ދައަރުވުމަށް)، ކޮންވާޖެންޓް ބައުންޑަރީ ( ދެ ޕްލޭޓް އެއް ޕްލޭޓް އަނެއް ޕްލޭޓް އާ ކައިރިޔަށް ދައުރުވުމަށް)، ސަބްޑަކްޝަން ޒޯން (އެއް ޕްލޭޓް މަށްޗަށް އަނެއްޕްލޭޓް އަރައި ފައްތަރުވުމަށް)، ޓްރާންސްފޯމް (ދެޕްލޭޓް ހުރަހަށް ވާގޮތަށް އެއްޕލޭޓް އަނެއްޕްލޭޓް އާ ހޮރިޒަންޓަލްކޮށް ދައުރުވުމަށް) ހިމެނެއެވެ. ސުނާމީ އެއް އުފެދޭނެކަން ދެނެގަތުމުގައި މި ދެއްނެވުނު ބައުންޑަރީތަކުގެ ހިއްސާވެސް ބޮޑެވެ.

                                          .ތަފާރުވައްތަރުގެ ބައުންޑަރީ

ސުނާމީ އަކީ ކަނޑުގެ އަޑިޔައް އަންނަ ލޮޅުމެއްގެ ސަބަބުން އުފިދިގެން އަންނަ ބައިވަރު ރާޅުތަކަކަށް ކިޔާނަމެކެވެ. މިގޮތުން ބިންހެލުމެއް، ބިންގަނޑު ކަނޑައިގެންދާ ދިއުމުން ނުވަތަ މަތިން ވެއްޓޭ ބޮޑެތިގިނި ހިލަ ކަހަލަ އެއްޗިހީގެ ސަބަބުން ވެސް މިފަދަ ރާޅުތައް އުފެދޭގޮތްވެއެވެ. އަދި މިގޮތަށް އުފެދޭ ރާޅުތަށް މާކަނޑުގައި ގާތް ގަނޑަކަށް ގަޑިއަކު 100 މޭލް ބާރުމިނުގައި ދަތުރުކުރެއެވެ. މިފަދަ ރާޅެއް ގޮނޑުދޮށްތަކާއި ހަމައަށް އަންނަ އިރު 100 ވަރަކަށް ފޫޓަށް ރާޅު އުސްވުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެހެނީ ފުން ތަންތާގަ ރާޅުގެ ދުވެލި ބާރުވެފައި ދެރާޅު ދޭތެރޭގެ ދުރުމިން ބޮޑުވަނެވެ. އަދި ތިލަ ހިސާބަށް އަންނައިރު ރާޅުގެ ދުވެލީ ވަރަށް ބޮދުތަން މަޑުވެފައި ރާޅުގެ އުސްމިން އިތުރުވާނެތީއެވެ. ކަނޑުމަތީގައި ދުއްވާ އުޅަނދުތަކަށް ސުނާމީގެ ރާޅު ދެނެ ނުގަނެވޭ ސަބަބަކީ މިއެވެ.


                               .ސުނާމީގެ ސްޕީޑް ބަދަލުވަމުންދާގޮތް

ތާރީޙު ހެކިދޭ ގޮތުގައި އާންމުގޮތެއްގައި ސުނާމީ އުފެދިފައި ހުރީ ބޮޑެތި ބިންހެލުމުގެ ސަބަބުންނެވެ. އެހެންނަމަވެސް ކޮންމެ ބިންހެލުމަކުން ސުނާމީ އެއްނޫފެދޭނެއެވެ. މިފަދަ ހެލުމެއް ދިމާވާން މެދުވެރި ވާ ސަބަބުތަކުގެ ތެރޭގައި އަލިފާން ފަރުބަދައެއްގޮވުން، ބިންގަނޑުކަނޑައިގެންދިއުން ހިމެނެއެވެ. ފާހަގަ ކުރެވޭ އަނެއްކަމަކީ އަންމުގޮތެއްގައި ގިނަ ބިންހެލުންތައް އަސްފައިވަނީ ފައުލްޓް ޒޯން ހިމެނޭ ޕްލޭޓް ބައުންޑަރީ ތަކަށް ކަމެވެ. މިގޮތުން ބިންހެލުމެއްގެ ސަބަބުން ސުނާމީ އެއް އުފެދޭނީ އެ ބިންހެލުމުގައި ވަރަށްގިނަ ޝަރުތުތަކެއް އެކުލެވިގެންނެވެ. އެންމެ ފުރަތަމަކަށް އެ ބިންހެލުމަކީ ކަނޑުގެ އަޑިޔަށް ވަކި ފުންމިނެއްގައި ވަކި ބާރުމިނެއްގައި އައި ބިންހެލުމަކަށް ވާންޖެހެއެވެ. މީގެ އިތުރުންވެސް ޕްލޭޓް ބައުންޑަރީގެ ސިފަތަކާ، ކަނޑުގެ އަޑިޔަށް ދޫކޮށްލާ ހަކަތައާއި ބިންގަނޑު ކަނޑައިގެންދާގޮތް ވެސް ސުނާމީއެއް އުފެދުމުގައި ވަރަށްބޮޑު ދައުރެށް ކުޅެއެވެ. ފާހަގަ ކޮށްލެވެ އަނެއްކަމަކީ ބާރުގަދަ ބޮޑެތި ސުނާމީތައް  އުފެދިފައި ވަނީ ސަބްޑަކްޝަން ޒޯންތަކަށް އައިސްފައިވާ ބާރުގަދަ ބިންހެލުންތަކުގެ ސަބަބުންކަމެވެ.

ސުނާމީގެ ރާޅުތަކަކީ އާންމުކޮށް މި ފެންނަ ރާޅުތަކާއި ވަރަށް ވެސް ތަފާތު އެއްޗެކެވެ. އާދައިގެ ރާޅުހެން ސުނާމީގެ ރާޅުތައް ގޮނޑުދޮށަށް ބިންދައެއްނުލާނެއެވެ. ސުނަމީގެ ރާޅު އަންނަކަން ދެނެގަނެވޭނެ އަލާމާތްތަކުގެ ތެރޭގައި ސުނާމީގެ ރާޅު އަރަން ކައިރިވުމުން ފަޅުތެރެ ވަރަށް ބޮޑަށް ހިއްކާލާނެއެވެ. އާންމުކޮށް ދިޔަވަރު ހިކޭ ވަރަށް ވުރެންވެސް ބޮޑަށް ފަޅުތެރެ ހިކިގެންދާނެއެވެ. ދުވަހަކު ނުފެންނަ ގާތަކަށް ދަންދެން ފަޅު ހިކިގެންދިއުމަކީ ސުނާމީގެ ރާޅުން ސަލާމަތް ވުމަށް ދުއްވައިގަންނަން ދެވޭ އެންމެ ފަހުގެ އިންޒާރެވެ. މިހަލަތައް ދިއުމުން އަޅައި އިތިކޮށް ދުއްވައިގަންނަންވީއެވެ. އެހެނީ މިހާރުވެސް އެއޮތީ މާލަސްވެފައެވެ. އެންމެ އާދައިގެ ކުޑަކުޑަ ސުނާމީ އެއްގައި ވެސް ނުހަނު ބާރުގަދަ އޮއި ހުންނާނެއެވެ. މިގޮތުން އެ އޮއިގައި މީހަކަށް ކޮޅަށް ނުހުރެވެ ވަރަށް ބާރުހުންނާނެއެވެ. އަދި ސުނާމީގެ ރާޅަކީ އެންމެ ރާޅެއްނޫނެވެ. ބައެއް ޙާލަތްތަކުގައި އެތައްގަޑި އިރުތަކެއްވަންދެންވެސް ސުނާމީގެ ރާޅުތަކުގެ އަޞަރު ދެމިހުރެދާނެއެވެ.

ދެން އުފެދޭ އަނެއްސުވާލަކީ އަޅުގަނޑުމެންގެ ރާއްޖެ އަށް ބިންހެލުމެއް އަތުވެދާނެހެއްޔެވެ؟ ނޫނީ ސުނާމީ އެއްގެ އަޞަރު ދެންވެސް ފޯރަފާނެ ހެއްޔެވެ؟ ގުދުރަތީގޮތުން ރާއްޖެ އުފެދިފައި ވަނީ ޕްލޭޓެއްގެ ގާތްގަނޑަކަށް މެދުގަ ކަހަލަގޮތަކަށެވެ. މާނަ އަކީ ސީދާ ރާއްޖެ އަށް ބާރުގަދަ ބިންހެލުމެއް އައުމަކީ ވަރަށް ނާދިރުކަމެކެވެ. އެހެންނަމަވެސް ނާންނާނެއެކޭ  އަޅުގަނޑު ނުދަންނަވާނަމެވެ. ދެން އޮތީ ސުނާމީ އެވެ. އަޅުގަނޑު މެންގެ ރާއްޖޭގެ އުތުރުން އިންޑޮނީޝިޔާގެ ސުމަޓްރާ ކައިރީގަވާ ކޮންވާޖަންޓް ބައުންޑަރީ އަކީ ޢަންމުކޮށް ސުނާމީ ބިންހެލުން ގިނައިން އަންނަ ސަރަޙައްދެކެވެ. އަދި މިދެންނެވި ސަރަޙައްދަށް ވަރަށް ޢަންމުކޮށް ލޯކަލް ސުނާމީގެ (މި ފަދަ ސުނާީގެ އަޞަރު ޢަންމު ކޮށް ކުރާނީ ބިންހެލުން އައި ޞަރަޙައްދުގެ 100ކމ ރޭޑިޔަސް އަކަށެވެ.) އަޞަރު ކުރެއެވެ. ނަމަވެސް އަހަރެމެންގެ ރާއްޖެ އަށް އަޞަރު ކުރާނީ އޯޝަން ވައިޑް ކޮށް އުފެދޭ ބޮޑެތި ސުނާމީންކަން ފާހަގަ ކުރަމެވެ.


    .އިންޑޮނީޝިޔާގެ ސުމަޓްރާކައިރީގައިވާ ކޮންވާޖަންޓް ބައުންޑަރީ. އާންމުކޮށް ބިންހެލުން އަންނަ ޞަރަޙްދެއް

ދެން އޮތީ ކޭތަ އާއި ސުނާމީ ގުޅުމެއްވޭތޯއޭ ކުރެވޭ ސުވާލެވެ. ކޭތަ ހިފުމަކީ ޕްލެނެޓް ތައް ދައުރުވާ ދައުރު ވުމުގައި ދިމާވާ ހާލަތަކުން އެއްޕްލެނެޓް ގެ ހިޔަނި އަނެއްޕްލެނެޓަށް އެޅުމެވެ. މިގޮތުން ހަނދުކޭތަ(ދުނިޔޭގެ ހިޔަނި ހަނދަށް އެޅުމުން) އާއި އިރުކޭތަ(ހަނދުގެ ހިޔަނި އިރަށް އެޅުމުން) ހިފައެވެ. އިރާއި ހަނދުގެ ދަމާބާރު (ގުރެވިޓޭޝަނަލް ޕުލް) ދުނިޔެއަށް ކުރާކަމީ އަހަރެމެން އެންމެން ދަންނަ ހަޤީގަތެކެވެ. އަދި މި ދަމާބާރު އެންމެ ގަދައީ އިރުކޭތަ ހިފާއިރުގައެވެ. އެހެންނަމަވެސް މިގޮތަށް އިރަށް ނުވަތަ ހަނދަށް ދަމާބާރަކީ އޭގެ ސަބަބުން ދުނިޔޭގެ ޕްލޭޓް ތަކަށް އެކަމުގެ އަޞަރު ފޯރުު ކުރެވޭވަރުގެ ބާރެއްނޫނެވެ. ސައިންސްވެރިންް ވިދާޅުވާޅުވާގޮތުގައި ބިންހެލުމާއި ސުނަމީ އަކީ އޭގެ ޒާތުގައި ކޭތަހިފުމާއި އެއެވެސް ގުޅުމުއްހުރި ދެކަމެއްނޫނެވެ. އަދި ކޭތަ ހިފާދުވަހަކު ބިންހެލުމެއް ނުވަތަ ސުނާމީ އެއް އުފެދުމާކީ އިއްތިފާގަކަށްނޫނީ ނުވާނެއެވެ. ތާރީޚަށް ބަލާއިރު ކޭތަހިފާދުވަސްދުވަހު ބިންހެލުމެއްގެ އަސަރު ފާހަގަ ކުރެވިފައި ވަނީ ވަރަށް މަދު ފަހަރަކުއެވެ. އަދި އެ ފަހަރު ތަކުގަވެސް އެ ބިން ހެލުން އައިސްފައި ވަނީ ކޭތަ ނުވެސް ފެންނަ ސަރަހައްދަކަށްކަން ފާހަގަ ކުރެވިފައިވެއެވެ.

ބިންހެލުން ޕްރިޑިކްޓް (ބިންހެލުން އަންނާނެކަން ދެނެގަތުން) ކުރުމުގައި އަދި ސައިންސްވެރިންނަށް މާކަބޮޑު ކަމިޔާބެއް ނުހޯދުނުކަމުގައި ވިޔަސް ސުނާމީ ޕްރިޑިކްޓް ކުރުމުގައި ސައިންސްވެރިން ވަނީ ކާމިޔަބު ތަކެއް ހޯދާފައެވެ. މިގޮތުން އެ ބިންހެލުމުގެ ޕެރަމީޓާސް (މިސާލަކަށް ބިންހެލުމުގެ ފުންމިން، މެގްނިޓިއުޑް) ގެ އެހީގައި ސުނާމީ ޕްރިޑިކްޓް ކުރެވެއެވެ. އެންމެ ފަހުގެ ކޮމްޕިއުޓަރ ޓެކްނޮލޮޖީ (ސިސްމޯމީޓާސް)، ޓައިޑް ގޭޖް، ޕްރެޝަރ ސެންސާސް އަދި ސެޓްލައިޓް މުޢާމަލާތުގެ އެހީގައި ސުނާމީ އެއް އުފެދިއްޖެ ކަމާއި އެ ސުނަމީ އެއް އެކި ހިސާބުތަކަށް ފޯރާނެ ގަޑި ދެނެގަތުމަކީ މިހާރު ސައިންސްވެރިން ހޯދާފައިވަ ކާމިޔަބީތަކެވެ. ފުންހިސާބުތަކަށް އަންނަ ކުދި ކުދި ބިންހެލުންތަކުގެ ސަބަބުން ސުނާމީއެއް އުފެދުމަކީ ވަރަށްވެސް ނާދިރުކަމެކެވެ. ނަމަވެސް ބޮޑު (ރިކްޓަރ މިންގަނޑުން 7 އިނަ މަތި)  ބިންހެލުމަކަށް ފަހު ސުނާމީގެ އިންޒާރު ކަމާބެހޭފަރާތްތަކުން ދޭތޯ އެކަމަށް ތައްޔާރުވެ ތިބުމަކީ ބުއްދިވެރިގޮތެކެވެ. 26 ޑިސެމްބަރު 2004 ވަނައަހަރު ކުރިމަތިވި ސުނާމީ އުފެދުނު ބިންހެލުމުގެ ބާރުމިނަކީ ރިކްޓަރ މިންގަނޑުން 9.0 އަދި ބިން ހެލުން އައިސްފައި ވަނީ ކަނޑުގެ އަޑިން ގައިގަނޑަކަށް 30ކމ އަޑިޔަށްކަން ފާހަގަކުރެވެއެވެ.

އަހަރެމެންގެ ރާއްޖެ އުފެދިފައިވާގޮތުން ސުނާމީގެ ރާޅުތަކުން ރައްކާތެރިވުމަށް މާގިނަ ފިޔަވަޅުތަކެއް އެޅޭކަށް ނޯވެއެވެ. އުސް ސަރަހައްދު ތަކެއް ނެތަސް ގަސް ނުވަތަ ރުއްފަދަ ތަކެތިން ރައްކާތެރިކަން ހޯދިދާނެއެވެ. ހަމަ އެހެންމެ އުސް އިމާރާތްތަކުން ވެސް ރައްކާތެރިކަން ހޯދިދާނެއެވެ. ހަމަ މިޔާއިއެކު މޫދާ ވީހާވެސް ދުރު ހިސާބުތަކަށް ގޮސް ރައްކާތެރިކަން ހޯދިދާނެއެވެ. ސުނާމީގެ އިންޒާރު މުޅިން ކެންސަލް ކުރަންދެން ރައްކާތެރި ހިސާބުތަކުގައި ތިބުމަކީ ވަރަށް މިހިންމު ކަމެކެވެ. އެހެނީ ސުނާމީ ގެ ރާޅަކީ އެންމެ ރާޅެއްކަމުގައި ނުވެދާނެއެވެ. އަދި ދެރާޅު ދޭތެރޭގައި އެތައްވަގުތެއްވެސް ވެދާނެެއެވެ. ހަމަ އެހެންމެ ސުނާމީގެ ޙާލަތުގައި މާކަނޑުގައި ތިބި ފަރާތްތަކަށް އެންމެ ރައްކާތެރިގޮތަކީ ރަށަށް ނައިސް ކަނޑުގައި މަޑުކުރުމެވެ.


ނޯޓް: މިފަދަ މަޢުލޫމާތަކީ ވަކި އުމުރުފުރައެއްނެތި ކޮންމެ މީހަކަށް ވެސް އިނގެންޖެހޭ މަޢުލޫމާތެވެ. ކިތަންމެ ކުޑަކުއްޖަކަށް ވެސް އޭނަ އަށް ލިބި ހުރި މަޢުލޫމާތެއްގެ އެހީގައި ފުރާނައެއް ސަލާމަތް ކުރެވިދާނެއެވެ.