Wednesday, 14 March 2012

ޖަޕާންގެ ނިކުލިއަރ އިންޑަސްޓްރީ. އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކަށް ހުރި ބޮޑު ބިރެއް.

ޓެކްނޮލޮޖީގެ ދާއިރާގައި ޖަޕާނަކީ އެފަދަ ދެވަނައެއްނެއްވަރުގެ ޤައުމެކެވެ. މިދާއިރާއިން ޖަޕާން ހޯދާފައިވާ ކުރި އެރުންތަށް ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނާނެއެވެ. ނަމަވެސް ކުރިއަރާފައިވާ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ޖަޕާނަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެޤައުމަށް ބޭނުންވާ ވަރަށް ހަކަތަ ނެތުމުގެ މައްސަލައެވެ. ހަކަތަ އުފެއްދުމުގެ ގުދަރަތީ މުއްސަނދިކަން ލިބިފައިނެތުމުގެ ސަބަބުން ޖަޕާނަށް ވެސް ޖެހެނީ މިތަކެތި އެތެރެ ކުރާށެވެ. ނަމަވެސް ލިބިފައިވާ ޓެކްނޮލޮޖީގެ މުއްސަނދިކަމުގެ އެހީގައި 1954 ވަނަ އަހަރު ނިއުކުލިއާ ޕަވަރ ގެ މަސައްކަތަ ޖަޕާނުން ފެށިއެވެ. އެހެން ޤައުމުތަކަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ނިއުކުލޮއަރ ހަކަތައިގެ އިންޑަސްޓްރީ އިންތިހާއަށް ފުޅާކުރަން ޖަޕާނުން އަމާޒު ހިފިއެވެ. މިގޮތުން 2017 ވަނަ އަހަރު އަންނަންވާއިރަށް ޖަޕާންގެ ނިއުކުލިއަރ ހަކަތައިގެ މިންވަރު %41 އަށް އިތުރުކުރުމަށް އަދި މި ޢަދަރު 2030 ވަނަ އަހަރު އަންނަންވާއިރަށް %50 އިތުރު ކުރުމަކީ ޖަޕާނުގެ އަޒުމެކެވެ. ނިއުކުލިއަރ ހަކަތަ އަކީ ވަރަށްވެސް އިފެކްޓިވް ހަމަ އެހައިމެ ނުރައްކާތެރިވެސް ހަކަތައެކެވެ. އަދި މިނުރައްކާތެރިކަން ވަކިން އިތުރުވެގެންދަނީ ޖަޕާން އެޞަރަޙައްދަކަށް ނިސްބަތްވާ ޞަރަޙައްދަކީ ޢާންމުކޮށް ބިންހެލުމާއި ސުނާމީ އަންނަ ޞަރަޙައްދަކަށް ވާތީއެވެ. ތާރީޚުން ހެކިދޭގޮތުގައި މިފަދަ ނުރައްކާތެރި ޙާދިސާއެއެ ހިނގައިފައި އެބަ ހުއްޓެވެ. އަދި ނުއުކުލިއަރ ރޭޑިޔޭޝަންގެ ސަބަބުން ނުކުމެދާނެ އެތައް ސިއްޙީ މައްސަލަތަކެއްވެސް އެބަ ހުއްޓެވެ. ތިމާވެއްޓަށާއި އިޤްތިޞާދަށް ހީނުކުރާފަދަ ބޮޑެތި ބަދަލުތައް އައުމަކީ އެކަށީގެންވާކަމެކެވެ.

ޕެސިފިކް ރިންގް އޮފް ފަޔަރ

ޖަޕާން ހިމެނޭ ޞަރަޙައްދަކީ ޒަމާނުއްސުރެން ބިންހެލުމާއި ސުނާމީގެ ހާއްޔެއްގެ ގޮތުގައި މައްޝުރުވެފައިވާ ޞަރަޙައްދެކެވެ. ޖޯގުރަފީ ގޮތުން ޖަޕާން އެ ޞަރަޙާއްދަކަށް ނިސްބަތްވާ "ޕެސިފިކް ރިންގް އޮފް ފަޔަރ" ހިމެނޭ ޞަރަޙައްދުގައި 452 އަލިފާން ފަރުބަދަ އެކުލެވިގެންވާކަމަށް މާހިރުން ވިދާޅުވާއިރު މީގެ ތެރެއިން %75 އަލިފާން ފަރުބަދަތަކަކީ އެކްޓިވް އަލިފާން ފަރުބަދަތަކެވެ. ހަމަ މިޔާއި އެކު ދުނިޔޭގެ ކަންކޮޅުތަކަށް އަންނަ ބިންހެލުންތަކުގެ 90 އިންސައްތަ ބިންހެލުން އަންނަނީވެސް މި ޞަރަޙައްދައްކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ޖަޕާނަކީ އެ ޤައުމަކަށް ޢާންމު ގޮތެއްގައި ސުނާމީގެ އަޞަރު ކުރާކަމުގެ ދިގު ތާރީޚެއް އޮތް ޤައުމެކެވެ. ބިންހެލުމާއި ސުނާމީގެ މާހިރެއްކަމުގައިވާ ބްރަޔަން ވިދާޅުވާގޮތުގައި ދުނިޔެ އަށް ކުރިމަތިވެފައިވާ ސުނާމީތަކުގެ ތެރެއިން 1.22 އިންސައްތަ ސުނާމީ އައިސްފައިވަނީ ޖަޕާން ހިމެނޭ ޞަރަޙަޢްދަށެވެ.


ފަހުގެ ތާރީޚެއްގައި ހިނގާފައިވާ ޙާދިސާތަކަށް ބަލާލާއިރު 2007 ވަނަ އަހަރު އައި ބިންހެލުމެއްގެ ސަބަބުން ޓޯކިޔޯގައި ހުންނަ ކަޝިވަޒަކީ ކަރިވާ ނިއުކުލިއަރ ޕަވަރ ޕުލާންޓަށް ދިމާވި ޙާދިސާއެވެ. މިޙާދިސާގެ ސަބަބުން އެ ޕަވަރ ޕްލާންޓު ހަލާކުވެ އކިވަރުގެ ގެއްލުންތައް ލިބުމުގެ ނަތީޖާއަކަށްވީ މި ޕަވަރ ޕްލާންޓް ބަންދުކުރަން ޖެހުމެވެ. މީގެ އިތުރުން 2011 ވަނަ އަހަރު ފުކްޝީމާ އަށް ދިމާވި ޙާދިސާ އަކީ ޗާނަބީލް ގައި ހިނގި ނިއުކުލިއަރ ޙާދިސާއަށް ފަހު ހިނގި މިފަދަ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ޙާދިސާއެވެ. މި ޙާދިސާގެ ސަބަބުން އެތައްބަޔަކު ނިއުކުލިއަރ ރޭޑިޔޭޝަން އަށް ހުށަހެޅުނެވެ. މި ޙާދިސާ ހިނގިގޮތަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ އެދުވަހު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެ ނިއުކުލިއަރ ޕްލާންޓަށް އެއްވެސް އަޞަރެއްނުކުރާކަމެވެ. ނަމަވެސް މި ބިންހެލުމާއި ގުޅިގެން އުފެދުނު ސުނާމީގެ ސަބަބުން މުޅި ޕަވަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިއެވެ. މުޅި ޞަރަޙައްދަށް ނިއުކލިއަރ ރޭޑީއޭޝަން ލީކުކޮށްލިއެވެ. އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ )އައި.އޭ.އީ.އޭ ( އިން މިޙާދިސާ ދިރާސާކުރުމަށްފަހު ނެރުނު ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުން ފުކްޝީމާ ޕަވަރ ޕްލާންޓް ފަރުމާކުރެވިފައިވަނީ ބިންހެލުމާއި ސުނާމީއިންވެސް ރައްކާތެރިވެވޭނެ ގޮތަށްށެވެ. މިގޮތުން 7.5 މީޓަރ އުސްމިން ހުންނަ ސުނާމީގެ ރާޅުތަކުން ދިފާޢުވެވޭނެ ކުޅަދާނަކަން މި ޕަވަރ ޕްލާންޓަށް ލިބިގެންވެއެވެ. ނަމަވެސް އެދުވަހު ކުރިމަތިވި ސުނާމީގެ ރާޅުގެ އުސްމިނުގައި މިދެންނެވި އަދަދުގެ ދެގުނަ އުސްމިން ހުރިކަމަށްވެއެވެ. ޖުމްލަކޮށް އައި.އޭ.އީ.އޭ ގެ ރެޕޯޓްގައި ފާހަގަ ކޮށްފައިވަނީ މިފަދަ ހާދިސާތަކުން ދިފާޢު ވެވޭނެ ފުރިހަމަ ވަޞީލަތް ނެތްކަމެވެ. ހަމަ މިޔާއިއެކު މި ޞަރަހައްދުގައި މިފަދަ މަސައްކަތެއްކުރުމުގެ ނުރައްކާތެރިކަންވެސް ފާހަގަ ކޮށްފައިވެއެވެ. ބިންހެލުމާއި ސުނާމީގެ ތަޖުރިބާކާރުން ކަމުގައިވާ ސްޓެއިން އަދި ވީސެޝަން ފާހަގަ ކުރައްވާގޮތުގައި ބިންހެލުމާއި ސުނާމީ ޕްރެޑިކްޓް ކުރުމުގައި އަދި ސައިންސްވެރިންނަށް މާބޮޑު ކާމިޔާބު ތަކެއް ނުހޯދެއެވެ. އެހެންކަމުން މުސްތަޤުބަލް ގައިވެސް މިފަދަ ނުރައްކާތެރި ، ހިތާމަވެރި ހާދިސާއެއް ތަކުރާތު ވުމުގެ ފުރުޞަތުބޮޑެވެ. ކަން މިހެން ހުރި އިރު މި ޞަރަހައްދުގައި މިފަދަ ނުރައްކާތެރި މަސައްކަތެއް ކުރުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ފްކްޝީމާ ނިއުކުލިޔަރ ޕްލާންޓް.

އަޅުގަނޑުމެންނަށް ޚިޔާލައްވެސް ނުގެނެވޭފަދަ ބޮޑެތި، ނުރައްކާތެރި ސިއްހީ މައްސަލަތައް ނިއުކުލިއަރ ރޭޑިޔޭޝަންގެ ސަބަބުން އިންސާނުންގެ ސިއްޙަތައް ކުރިމަތިކުރުވާނެއެވެ. ޢިލްމީ މާހިރެއްކަމުގައިވާ ނެލްސަން ސިފަކުރައްވާގޮތުގައި ނިއުކުލިއަރ ރޭޑިޔޭޝަން އަކީ އެއިޑްސް ކަހަލަ ޝިފާއެއްނުވާ ވަބާއެކެވެ. ބަލިމަޑުކަމަކަށްވުރެން ބޮޑަށް ސިންޑުރޯމް އެއްގޮތަށް ސިފަކުރެވިފައިވާއިރު ނިއުކުލިއަރ ރޭޑިޔޭޝަންގެ ސަބަބުން ފެތުރޭ ބަލިތަކަކީ ވައިގެ ޒަރީއާއިން ފެތުރޭ ބަލިތަކެކެވެ. މީގެ އިތުރުން ނިއުކުލިއަރ ރޭޑިޔޭޝަންގެ އަޞަރު އެތައް ޖީލުތަކަކަށް ދެމިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން އެތައް ދަރިފަސްކޮޅަކަށް މިކަމުގެ އަޞަރު ކުރުވާނެއެވެ. 1986 ވަނަ އަހަރު ޗާނަބީލްގައި ހިނގާދިޔަ ނުރައްކާތެރި ނިއުކުލިއަރ ޙާދިސާ މިކަމުގެ ހެއްކަކަށް ފުދެއެވެ. އަދި އަދަށް ދާންދެންވެސް އެސަރަޙައްދުގައި ދިރިއުޅެމުންދާ މީހުންނަށް، ވަކިން ޚާއްޞަކޮށް ކުޑަކުދިން, ތައިރޮއިޑް ކެންސަރު، އުރަމަތީގެ ކެންސަރު، ޓިއުބާކްލޯސިސް، އުފަންވުމުގައި ކުދިން އައިބުވުން، ނޭވާލާ ނިޒާމަށް ޖެހޭ ތަފާތު ބަލި، ލޭދައުރުވުމުގެ ނިޒާމަށް ޖެހޭ ތަފާތު ބަލިތައްފަދަ ބަލިތަކާއި ކުރިމަތިވަމުންދާކަމީ ނިއުކުލިއަރ ރޭޑިޔޭޝަންގެ ނުރައްކާތެރިކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. މި ޙާދިސާ ދިރާސާކުރާ މާހިރެއްކަމުގައިވާ ނެލްސަން ލަފާކުރައްވާގޮތުގައި މިޙާދިސާ ހިނގިތާ 10 ވަރަކަށް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް ލައްކަ އަކާއި ގާތްކުރާ ޢަދަދަކަށް މީހުން މަރުވެފައިވާނެއެވެ. އަދި މިޢަދަދު އެތައްގުނައަކަށް އިތުރުވުމަކީވެސް އެކަށީގެންވާކަމެއްކަމުގައިވެސް ނެލްސަން ލަފާކުރައްވައެވެ. މިސަރަޙައްދުގަ އާއި ކައިރި ޤައުމުތަކުގައި މިއަދުވެސް 5 މިލިޔަނެއްހައި މީހުން ސިއްޙަތައް ގެއްލުންވާ މިންވަރަށް ނިއުކުލިއަރ ރޭޑިޔޭޝަންއަށް ހުށައެޅިގެން ދިރިއުޅެމުންދެއެވެ. މީގެ ތެރޭގައި މިލިޔަނެއްހާ ކުޑަކުދިންވާކަން ޔަބްލޮކޯވް ފާހަގަކުރައްވައެވެ. ކަމާއިބެހޭ ބައިނަލްޢަޤުވަމީ އޭޖެންސީތަކުން ލަފާކުރާ ގޮތުގައި މިޙާދިސާގެ ސަބަބުން 2056 ވަނަ އަހަރު އަންނަންވާއިރު މި ޞަރަޙައްދުން އެކަނި ވެސް 2 ލައްކައާއި 3 ލައްކައާއި ދެމެދުގެ ޢަދަދަކަށް މީހުން މަރުވާނެއެވެ. އަދި ޔޫރަޕުން ގާތްގަނޑަކަށް ވިއްސަކަށް ހާސްމީހުން މަރުވާނެކަމަށް ލަފާކުރައްވައެވެ. މިފަދަ ނުރައްކާތެރި ޙާދިސާއެއްގެ ސަބަބުން އިންސާނުންނަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ފޯރާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ.
ޗާނަބީލް ނިއުކުލިޔަރ ހާދިސާ.

ރޭޑިޔޭޝަން އަކީ ވަރަށް ފަސޭހަކަމާއި އެކު ވައިގެތެރެއަށް ފެތުރިގެންދާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ސީދާގޮތުންނާއި ނުސީދާގޮތުން ފޫޑް ޗެއިންއިންގެ ތެރޭގައި ދަޢުރު ވުމަކީ ވަރަށް ފަސޭހަކަމެކެވެ. ބައެއް ބާވަތުގެ ރޭޑިޔޯއެކްޓިވް އައިސަޓޯޕްސް އަކީ އޭގެ ހާލްފް ލައިފް ) އަސްލު ޢަދަދަގެ އެއްބަޔައް ވިރުން ( ގައި 30 އަހަރު ނުވަތަ އެޔައްވުރެންވެސް ގިނަ އަހަރު ހުންނަ ތަކެއްޗެވެ. ނަތީޖާއެއްގެ ގޮތުން ރޭޑިޔޭޝަން ވަޔާއި، ބިމާއި، ފެނާ އެކުވުމުން ވަކި ކުރުމަކީ ވަރަށްވެސް އުނދަގު ކަމެކެވެ. އިންސާނުންނެކޭ އެއްފަދައިން ދިރޭ އެހެނިހެން އެއްޗިއްސައްވެސް ރޭޑިޔޭޝަންގެ އަޞަރުފޯރައެވެ. މިގޮތުން ފެނާއި، ވަޔާއި އަދި ބިމުގެ ޒަރީއްޔާއިން ގަސްގަހާ ގެއްސަށާއި ޖަނާވާރަށް ރޭޑިޔޭޝަންގެ އަޞަރު ކުރުވައެވެ. އިންސާނުންނެކޭ އެއްފަދައިން ގަސްގަހާގެއްސާއި ޖަނަވާރަށްވެސް ޖެނެޓިކް ޑިސްއޯޑަރ އެތަކެއް އަހަރުތަކެއްވަންދެން ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން އެތައް އަހަރެއްވަންދެން ބަޔޯޑައިވާސިޓީއަށް ބޮޑެތި ގެއްލުންތަކެެއް ފޯރައި ގަސްގަހާއި ޖަނަވާރު ފަދަތަކެތި ނެތިދިއުމުގެ ބިރުވެސް އެބައޮތެވެ. މިފަދަ ކޮންމެ ގެއްލުމެއްގެ އަޞަރު އިންސާނުންނަށް ސީދާގޮތުންނާއި ނުސީދާގޮތުން ކުރާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ.
ނިއުކުލިޔަރ ރޭޑިޔޭޝަންގެ އަޞަރު ގަސްގަހާ ގެއްސާއި ޖަނަވާރުންނަށް.

ޖަޕާނުގެ ޙާލަތައްބަލާއިރު މިފަދަ ޙާދިސާއެއް ކުރިމަތިވާއިރު ބިންހެލުމާއި ސުނާމީ، އެކު އެކީގައި އައުމަކީ ވަރަށްގާތްކަމެކެވެ. މިފަދަ ޙާދިސާއެއްގެ ސަބަބުން އެޤައުމެއްގެ ޢިޤްތިޞާދު ފުނޑުފުނޑުވުމަކީ ވަރަށްވެސް ކައިރިކަމެކެވެ. އެހެނީ މިފަދަ ޕަވަރ ޕްލާންޓެއް ބިނާކުރުކުރުމަށާއި ބެލެހެއްޓުމަށް އެތައް ބިލިޔަން ޑޮލަރެއް ޚަރަދުވާއިރު މިފަދަ ޙާދިސައެއްގެ ސަބަބުން ކުރިމަތިވާ ގެއްލުންފޫބެއްދުމަށް އޭގެ ދެގުނަ ޚަރަދު ކުރަންޖެހެއެވެ. މިސާލަކަށް ދަންނަވަނީނަމަ 900 މިލިޔަން ޑޮލަރުގެ ޗާނަބީލް ނިއުކުލިއަރ ޕަވާޕްލާންޓް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަލާކުވެގެންދިޔަ އިރު އެކަމުން ދިމާވި ގެއްލުންތައް ފޫބެއްދުމަށް 2 ބިލިޔަނެއްހާ ޑޮލަރު ޚަރަދުވިކަމަށް މި ޙާދިސާ ދިރާސާ ކުރާ ފަރާތް ތަކުން ހާމަ ކުރެއެވެ. މިގޮތުން މި ޢަދަދު މިއަށް ވުރެންވެސް ބޮޑުވާނެ ކަމަށް ނެލްސަން ލަފާކުރަށްވައެވެ. ޖަޕާނުގެ އިކޮނޮމީގައި އިންޕޯޓް އެކްސްޕޯޓް ވެސް ބޮޑު ޙިއްސާއެއް އަދާކުރެއެވެ. މީގެ ތެރޭގައި ގިނަ ޢަދަދަކަށް ކާބޯތަކެއްޗާއި ކަނޑު މަސް ހިމެނެއެވެ. ނަމަވެސް ނިއުކުލިއަރ ރޭޑިޔޭޝަން އާއި އެކު ކާބޯތަކެއްޗާއި މަސްފަދަ ތަކެތި ތަޣައްޔަރުވުމުން މިފަދަ ތަކެތި ނައްތާލުން ނޫންގޮތެއް ނޯވެއެވެ. އަދި ބައެއްޤައުމުތަކުން ޖަޕާނަށް ކުރާ އިތުބާރުވެސް ކުޑަވާގޮތް ވެއެވެ. މީގެ ހެއްކަކީ 2011 ވަނަ އަހަރު ޖަޕާނަށް ކުރިމަތިވި ޙާދިސާއަށް ފަހު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ޖަޕާނުގެ އުފެއްދުންތައް ޚާއްޞަކޮށް ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުން ހުއްޓާލިއެވެ. ނަތީޖާއެއްގެ ގޮތުން ޖަޕާނުގެ ދަނޑުވެރިކަމާއި މަސްވެރިކަމަށް ބޮޑެތި ގެއްލުންތަކެއްކުރުވިއެވެ. ޖަޕާނުގެ ޢިޤްތިޞާދު ފުންވަޅުގަނޑަކަށް ވައްޓާލިއެވެ. ބައެއް މާހިރުން ސިފަކުރައްވާ ގޮތުގައި ނިއުކުލިއަރ ޓެކްނޮލޮޖީއަކީ ފެއިލްވެފައިވާއެއްޗެކެވެ. ޢިޤްތިޞާދީގޮތުންނާއި ތިމާވެށީގެ ގޮތުން ބެލިޔަސްމެއެވެ. ނަމަވެސް މިކަމަށް ތާއީދުކުރާމީހުން މިކަމަށް ތާއީދު ކުރަނީ ތާރީޚް ހަނދާން ނައްތާލައިފައެވެ. ނޫންނަމަ ހަޤީގަތް ޤާބޫލުކުރަން ބޭނުން ނުވާތީއެވެ.


އެހެނިހެން ޤައުމުތަކެކޭވެސް އެއްފަދައިން ޖަޕާނަށްވެސް ދިމާވެފައިވާ މައްސަލައަކީ ބޭނުންވާވަރަށް ހަކަތަ ނުލިބުމުގެ މައްސަލައެވެ. ގުދުރަތީ ވަސީލަތްތައްމަދުވީމައެވެ. ނަމަވެސް ޖަޕާންފަދަ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ޤައުމަކަށް މިކަންކަމާއި ކުރިމަތިލެވިދާނެ ބައިވަރު މަގުތައް އެބަހުއްޓެވެ. ޖަޕާން ހިމެނޭ ސަރަޙައްދަކީ ޢާންމުކޮށް ބިންހެލުމާއި ސުނާމީ އަންނަ ސަރަޙައްދެއްކަމުން މި ސަރަޙައްދުގައި ނިއުކުލިއަރ ހަކަތަ އުފެއްދުމަކީ އެންމެ ބުއްދިވެރިގޮތެއްނޫނެވެ. ކަމުގެ ނުރައްކާތެރިކަމާއި ބިންހެލުމާއި ސުނާމީއިން ސަލާމަތްވެވޭނެ ގޮތެއްނެތީމައެވެ. ކުރިން ހިނގާފައިވާ ބޮޑެތި ނުރައްކާތެރި ނިއުކުލިއަރ ހާދިސާތަކުން އިބުރަތް ލިބިގަނެ ނިއުކުލިއަރ ހަކަތައަށްވުރެން ރައްކާތެރި އަދި ތިމާވެއްޓާއި ރަށްޓެހި ގޮތަކަށް ހަކަތަ އުފެއްދިދާނެއެވެ. ގުދުތަތީވަސީލަތްތައް ނެތަސް ޓެކްނޮލޮޖީގެ ޤާބިލްކަން ލިބިފައިވާތީއެވެ.